Wednesday, September 15, 2010

މިނިވަންދުވަހުގެ ޝުޢޫރު

ޢަލީ ޝަރީފު، ފިލިގަސްދޮށުގެ


މިނިވަން މިދީބުގެ ޖައްވުގައި މިނިވަން ނިޝާންތައް ވިހުރެނީ
މިނިވަންކަމަށް އަހަރެއްފުރޭ މި މުނާސަބާ ފާހަގަވަނީ
ކޮންފަދަ އުފާވެރި ޢަޞްރަކަށް އުދަރެސްއެކީ ޒީނަތްވަނީ
ކޮންފަދަ ނަޞީބެއް ފަހިވެގެން ވަޠަނުގެ ބިމުން އަދު އަންނަނީ
ތެދުވެރިވިޖިހާދާ ހިއްމަތުން ޤައުމީ ޒަޢީމުގެ ޙިކްމަތުން
މެދުވެރިވި ހުރިހާ ދަތިތަކެއް ނައްތާލަމުން ކުރިއަށްދަނީ
މަތިވެރިތަރައްޤީ ފެންނަމުން ގިނަދާއިރާތަކުގައި ދަނީ،
ދަތިޙާލު މާޒީއަށްދަމުން، ރަޙުމަތުގެ މަންޒަރު ފެންނަނީ
ނޫކަނޑުގެ މެދުގައި އުފެދިފާހުރި ޖަޒީރާތަކަކަށްވިޔަސް
ނޫވިލުގެ މޫދާ ދޮންވެލިން މަޝްހޫރު މަންޒިލަކަށްވަނީ
ފިނިހޫނުމެދުމިން ޖައްވަކުން ފިނިކަންލިބޭ ވައިރޯޅިތައް،
ހިނިތުންކުރާހާ ރީތިކޮށް ޖެހެމުން އައިސް ފިރުމާލަނީ
ނިޔަތާއި މަޤުޞަދު އާކުރަން އަދަކީ މުނާޞިބު ދުވަހެކޭ
ނިޔަނެތި ކަމާއެކުގާ އުޅެން ހިތުގައި ޢަޒުމްއާކޮށްލަނީ
ސާބިތުވެ ދީނުގެ މަގުމަތީ ދެމިތިބިބަޔަކު ކަމުގައިވެގެން
ސާބަސްދެވޭފަދަ މަޤްޞަދެއް އެންމެންގެ ހިތުގައިވެސް ވަނީ
މީ ނާދިރުން އަދު އޮތްތަނެއް، ދުނިޔޭގެ އޮއިވަރުގައި ނުޖެހި
ދީނާ ޘަޤާފަތް އެކުއެކީ ކުރިމަގުގެ ޗާޓުން ދައްކަނީ

----------------

No comments: